ނަމާދުގައި އަމިއްލަ ދުޢާ ކުރުމުގެ ޙުކުމް (ފުރަތަމަ ބައި)
ނަމާދުގައި ބޭނުން ކުރެވޭ ދުޢާތައް 4 ބާވަތަކަށް ބެހެވިދާނެއެވެ:
1. ޤުރުއާން އާއި ސުންނަތުން އައިސްފައިވާ ދުޢާ
2. ޞަޙާބީން އަދި ސަލަފުން އަރިހުން ޢާންމުގޮތެއްގައި ވާރިދުވެފައިވާ ދުޢާ
ދެން އޮތް ދެވަޔަކީ، ޤުރުއާނުން އަދި ސުންނަތުން އަދި (ސަލަފުންގެ) އަޘަރަކުންވެސް ވާރިދުވެފައި ނެތް ދުޢާ ތަކެވެ. މިއީ ދެބާވަތެކެވެ:
3. ވާރިދުވެފައިވާ ދުޢާ ތަކާއި އެއްގޮތް ދުޢާ
4. ވާރިދުވެފައިވާ ދުޢާ ތަކާއި އެއްގޮތް ނޫން ދުޢާ
ޤުރުއާން އާއި ސުންނަތުން ވާރިދުވެފައިވާ ދުޢާތައް، މިއީ އިޖްމާޢުގެ މަތިން ހުއްދަ ތަކެއްޗެވެ. އެހެނަސް އައްނަޚަޢީ އާއި ޠާޥޫސް އަރިހުން އިބްނު ބައްޠާލް ގެންނެވި ބަސްފުޅެއްގައި މެނުވީއެވެ. އެދެބޭކަލުން މިކަން ހަނިކުރައްވައި، ހުއްދައީ ޤުރުއާނުން ވާރިދުވެފައިވާ ދުޢާތައް އެކަނި ކުމަގައި ވިދާޅުވިއެވެ. އަދި އަޙްމަދު ބުނު ޙަންބަލް މިރައުޔު އާއި މެދު ސުވާލުވެވުމުން ކޯފާ އިސްކުރެއްވިއެވެ.
އެކަލޭގެފާނަށް ނުބުވުނެވެ: "އެދެބޭފުޅުން ވިދާޅުވަނީ: ޤުރުއާނުގައި ވާ އެއްޗަކުން މެނުވީ ފަރުޟު ނަމާދުގައި ދުޢާ ނުކުރާށޭ އެވެ." ވިދާޅުވިއެވެ: ތިގޮތުގައި ނިންމައިފި މީހެއް (ދަންނާށެވެ) އެއުރެން އެބުނާ އެއްޗާއި ޚިލާފަށް ނަބިއްޔާ ﷺ އަރިހުން އެތަކެއްގުނަ ޙަދީޘް އައިސްފައިވެއެވެ." މިބަސްފުޅު ރިވާކުރެއްވީ (އަބޫ ބަކްރު) އަލްއަޘްރަމް އެވެ.
އަދި އެކަކަށްވުރެ ގިނަ ބޭކަލުން މިރައުޔު އަބޫ ޙަނީފާއަށްވެސް ނިސްބަތް ކޮށްފައިވެއެވެ. (އެބަހީ، ޤުރުއާނުން އައިސްފައިވާ ދުޢާއެއް މެނުވީ ޖާއިޒުވެގެން ނުވާކަމުގެ މައްޗަށެވެ.) އެހެނަސް ޞައްޙައީ މިއީ އެކަލޭގެފާނުގެ ދެކިލެއްވުން ނޫން ކަމެވެ. އަދި މިކަން އަހަރެމެން ކުރިޔަށް ބަޔާން ކުރާނަމެވެ.
އަދި ނަބިއްޔާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ސުންނަތުގެ ދުޢާ ތައް ފިޔަވައި ޤުރުއާނަށް މިކަން ހަނިކުރުމަށް ކުޅަދާނަވަނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭގެއެވެ. އެއަކީ ޤުރުއާނުން ނެގިފައިވާ އެއްޗެއް ނޫނެވެ. އަދި މިކަމުގެ މައްޗަށް ނައްޞެއް އައިސްފައިނެތުން ބާއްވާށެވެ. އަދި މިއީ ނަމާދުގައި ކިޔާ އެތަކެއް ދުޢާތައް ވާރިދުވެފައިވާ ހިނދުގައެވެ.
ދެންފަހެ ޞަޙާބީން އަދި ސަލަފުން އަރިހުން ވާރިދުވެފައިވާ ދުޢާ، މީގެ ޙުކުމަކީ ފުރަތަމަ ބައިގެވެސް ޙުކުމެވެ. އެބަހީ، އޭގެން ދުޢާ ކުރުން ހުއްދަކަމެވެ. މިއީ ޢިލްމުވެރިންގެ ޢާންމު އެންމެހާ ބޭފުޅުންގެ ބަހެވެ. އެހެނަސް އެދެބޭފުޅުންފިޔަވައެވެ. (އެބަހީ: އައްނަޚަޢީ އާއި ޠާޥުސް ފިޔަވައެވެ.)
ދެންފަހެ، ވާރިދުވެފައިވާ ދުޢާ ތަކާއި އެއްގޮތް ދުޢާތައް، މީގެން ދުޢާ ކުރުން ވަނީ ޢިލްްމުވެރިން ތެރޭ ޚިލާފަކަށް ހުޅުވިފައެވެ. މިކަމުގައި ޢިލްމުވެރިން ދެކިލައްވާ ގޮތް ބަޔާން ކުރުމުގެ ކުރިން، "އައް ދުޢާއު" މިބަހުގެ މުރާދަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ.
ޙަންބަލީން މިއިން ޤަޞްދުކުރަނީ "ވާރިދުވެފައިނުވާ ތަކެތިން ކުރެ، ދުޢާ އަކީ އެއަކުން الله عز وجل އާއި ކުއްތަންވާ އަދި ދުނިޔެވީ ކަންކަން އޭގައި ނުހިމެނޭ ތަކެއްޗެވެ." އެއަކީ އާޚިރަތުގެ ޙަޔާތުގައި الله އެއިލާހުގެ އަޅުތަކުންނަށް ލައްވާފައިވާ އެއްޗަކަށް އެދި ކުރެވޭ ދުޢާއެވެ. އަދި ދީނުގެ ހެޔޮތަކަށެވެ. އެހެނަސް ދުނިޔޭގެ ނިޢުމަތްތައް: މުދަލާއި ގެދޮރާއި ކެއިންބުއިމާއި އަނބީން އަދި މަސައްކަތާއި ދަތުރުފަތުރު... މިތަކެތި އޭގެ ތެރެއަށް ނުވަދެއެވެ. އަދިކިއެއްހެއްޔެވެ؟ އެތަކެތި ހިމަނުއްވަނީ (ބަޔާންވެދިޔަ ހަތަރު ވައްތަރުގެ ތެރެއިން) ހަތަރުވަނަ ބާވަތުގެ ތެރޭގައެވެ. އަދި ޙަންބަލީން މިވައްތަރުގެ ދުޢާ ގެ ޙުކުމާއިމެދު ދެއަތަށް ކިރިފައިވެއެވެ. އަދި އަލްޚަރަޤީ އާއި ޙަންބަލީންކުރެ ޖަމާޢަތެއްގެ އަރިހުން ފާޅުވާ ބަސްފުޅަކީ (ނަމާދުގައި އެފަދަ ދުޢާ) ހުއްދަނޫން ކަމުގައެވެ. އަދި މިކަމުގައި ބޭނުން ކުރައްވަނީ އަޙްމަދުގެ ބަސްފުޅެވެ. އެހެނީ އަލްއަޘްރަމް އެކަލޭގެފާނާއިމެދު ރިވާކުރެއްވިއެވެ: އަހަރެން އަބޫ ޢަބްދުالله (އަޙްމަދު ބިން ޙަންބަލް) ގާތު ދެންނެވީމެވެ: ހަތަރުވަނަ ރަކުޢަތުގައި އިށީންނަހިނދު، އަހަރެން އެދޭނެ އެއްޗެއް އައްތަހިއްޔާތަށްފަހު (ސަލާމް ދިނުމުގެ ކުރިން) ދުޢާކުރަން ވީތޯއެވެ؟" ވިދާޅުވިއެވެ: އެދޭން ބޭނުން އެއްޗެއް އެދުން، އަހަރެންނަކަށް ނޭގެއެވެ. އެހެނަސް ވާރިދުވެފައިވާ ތަކެތިން ތިބާއަށް އެނގޭ އެއްޗަކުން ދުޢާ ކުރާށެވެ."
އެހެނަސް އިބްނުލް މުންޛިރު، އަޙްމަދުގެ އަރިހުން ރިވާކުރެއްވި ބަސްފުޅުގައިވެއެވެ: ވިދާޅުވިއެވެ: "އަޅަކު، އޭނާ ބޭނުންޖެހިފައިވާ އެންމެހާ ކަމަކަށް ދުޢާ ކުރުމުގައި މައްސަލައެއް ނެތެވެ. ދުނިޔެއާއި އާޚިރަތުގެ ބޭނުންތަކެވެ."
އަދި އިބްނު ޤުދާމާ ފަހުން މިބުނެވުނު ބަސްފުޅު ގެންނެވުމަށްފަހު ވިދާޅުވިއެވެ: "އަދި ޙަދީޘްތަކުގެ ބޭރުފުށުގެ މާނައިގެ މައްޗަށް ޞައްޙަވެގެންވަނީ މި ރައުޔެވެ. إن شاء الله تعالى. އެހެނީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: « ثم ليتخير من الدعاء » "އެއަށްފަހު ދުޢާގެތެރެއިން (އެދޭއެއްޗެއް) ޚިޔާރުކުރާށެވެ." އަދި އިތުރުއެކަލޭގެފާނުގެ ޙަދީޘް «ثم يدعو لنفسه بما بدا له» "ދެން އޭނާގެ ނަފުސަށް އޭނާ އެދޭ އެއްޗަކަށް ދުޢާ ކުރާށެވެ." އަދި އިތުރުއެކަލޭގެފާނުގެ ޙަދީޘް « ثم ليدع بعد بما شاء » "އެއަށްފަހު ދެން އޭނާ އެދޭ އެޗަކަށް ދުޢާކުރާށެވެ."
އަދި ހަތަރު މަޛުހަބުގެ ތެރެއިން މިމައްސަލަ އެންމެ ހަނިކޮށްފައިވާ ބަޔަކީ ޙަނަފީންނެވެ. އެބޭފުޅުންގެ - އެންމެ ފުޅާ ބަސްފުޅަށް ބަލާ އިރުވެސް - ޤުރުއާނާއި ސުންނަތާއި ސަލަފުންގެ ދޫފުޅުން އައިސްފައިވާ ދުޢާތައް ހުއްދަކުރެއްވިއެވެ. އެއީ މިތަކެތީގެ ތެރެއިން ހިމެނޭ އެހެނަސް ވަކި ބާވަތެކެވެ. މިތަކެތި ދެބަޔަކަށް ބެހެވިދާނެއެވެ:
ފުރަތަމައީ: الله ފިޔަވައި އެހެން ފަރާތެއް ފުށުން ނުހޯދޭނޭ ކަންކަން [މިޘާލަކަށް، ހިދާޔަތް، މަޣްފިރަތް، ޖަންނަތް އަދި ނަރަކައިން މިންޖުކުރެއްވުން] މިއީ ނަމާދުގައި އެބޭފުޅުންގެ އަރިހުގައި ހުއްދަ ދުޢާތަކެވެ.
ދެވަނައީ: މީސްތަކުންގެ ފުށުން ހޯދަން ކުޅަދާނަ ކަންކަން [މިޘާލަކަށް މުދާ، ވަކިމިވެނި އަންހެނަކާއި ކައިވެނި ކުރުމަށް، ވަކިމިވެނި ވަޒީފާއެއް ހޯދުމަށް] މިތަކެއްޗަކީ ނަމާދުގައި އެއަށް ދުޢާކުރުން ހުއްދަނޫން ކަންކަމުގައެވެ.
އަދި ޙަނަފީންގެ މި މަޛުހަބަކީ (ރައުޔަކީ) އެނޫން ޢިލްމުވެރިންގެ ރައުޔާއި ޚިލާފަށް، އުދަގޫކަންބޮޑު ރައުޔެކެވެ. އެހެނީ މީގައި ހިފެހެއްޓުމަށް ޤުރުއާނާއި، ސުންނަތާއި އަޘަރުތަކުން އައިސްފައިވާ ދުޢާތައް (ރަނގަޅަށް) ދެނެގަންނަށް ޖެހެއެވެ. އަދި އިންސާނުން ފުށުން ހޯދުމަށް ކުޅަދާނަ ކަންކަމާއި އެނޫންކަންކަމެވެ. އެހެންކަމުން މިނަޒަރުގެ މައްޗަށް ބަލާއިރު، އެމީހެއްގެ އަމިއްލަ ނަފުސާއި، ބައްޕަ އާއި މައިފުށު އަދި ބަފައިފުށު ބޮޑުބެއަށް ދުޢާ ކުރުން، ނަމާދު ވެރިޔާއަށް ހުއްދައެވެ. އެހެނީ މަޣްފިރަތަށް ދުޢާ ކުރުން ޤުރުއާނުގައި ވާރިދުވެގެން ވެއެވެ. އަދި ނަމާދުވެރިޔާއަށް އޭނާގެ ނަފުސަށާއި އެނޫން މީހުންނަށް ޙައްޖެއް ދެއްވުމަށް އެދި الله އަށް ދުޢާ ދެންނެވިދާނެއެވެ. އެހެނީ ޙައްޖު އެއިލާހު سبحانه ފިޔަވައި އެހެން ފަރާތެއް ފުށުން ނުއެދެވެއެވެ.
އަދި މުޠްލަޤުކޮށް (ވަކި މިވެނި އެއްޗެއް ޚާއްޞަ ނުކޮށް) ނަމާދުވެރިޔާ އަމިއްލަ ނަފުސާއި އޭނާ އެދޭ މީހަކަށް ރިޒްޤަށް އެދި ދުޢާ ކުރެވިދާނެއެވެ. އެހެނީ ރިޒްޤު އެއިލާހު سبحانه ފިޔަވައި އެހެންް ފަރާތެއް ފުށުން ނުއެދެވެއެވެ. ދެން އެހެނަސް އޭނާ ރިޒްޤަކީ މުދާ ގޮތުގައި ކަނޑައަޅައިފިނަމަ، މިކަން ހުއްދައެއް ނޫނެވެ. އެހެނީ މުދަލަކީ الله ހަޟުރަތުން އަދި އިންސާނުންގެ ފުށުންވެސް އެދެވިދާނެ އެއްޗެކެވެ.
އަދި މީގެ މާނަ އަކީ، ޙަނަފީން އަދި ޙަންބަލީން ގެ ގާތުގައި ފަހުން މިބަޔާން ވެވުނު ބާވަތުގެ ދުޢާ (ނަމާދުގައި) މަނާވެގެންވެއެވެ.
ދެންފަހެ މާލިކީންނަށް އަދި ޝާފިޢީންނަށް ބަލާ އިރު، އިންސާނާ އެދޭ އެއްޗަކަށް ދުޢާ ކުރުން ހުއްދައެވެ. އެއީ ޤުރުއާނުން ނޫނީ ސުންނަތުން ނޫނީ އެދޭތިން ކަމުގައި ނުވިޔަސް އެވެ.[1]
އެހެނަސް ޙަނަފީންނާއި ޙަންބަލީން އެ މަނައު ކުރައްވާ ބާވަތެއް، މަނައު ކުރައްވަނީ ކޯޗެއްގެ މައްޗަށްހެއްޔެވެ؟
މީގެ ސަބަބަކީ، ނަބިއްޔާ ﷺ ގެ މިޙަދީޘް އެބޭކަލުން ފަހުމް ކުރައްވާ ގޮތެވެ: މުޢާވިޔަތު ބުނުލް ޙަކަމު، އައްސަލަމީގެ ޙަދީޘް ތަކުގެ ތެރެއިން މުސްލިމް އަދި އެނޫން ބޭކަލުން ރިވާކިރެއްވިއެވެ: « إن هذه الصلاة لا يصلح فيها شيء من كلام الناس إنما هو التسبيح والتكبير وقراءة القرآن » "ހަމަކަށަވަރުން އަހަރެމެންގެ މި ނަމާދުގައި، އިންސާނެއްގެ (އަމިއްލަ) ވާހަކަ ތެރެއިން އެއްވެސް ވާހަކައެއް ދެއްކުން ހެޔޮވެގެން ނުވެއެވެ. އެހެނީ މީގައިވަނީ ތަސްބީޙަ އާއި ތަކްބީރާއި ޤުރުއާން ކިޔެވުމެވެ."
އެހެންކަމުން، މިއިން ފަހުމު ކުރައްވަނީ، މީހުންގެ ވާހަކަތަކުގައި ހިމެނޭ ކަންކަން ހުއްދަވެގެން ނުވާކަމެވެ. އެހެނީ އެވާހަކަ ތަކަކީ އިންސާނުން އެމީހުންގެ ތެރޭގައި ދައްކައި އުޅޭ ވާހަކަތައް ކަމުންނެވެ. އަދި ދުނިޔެވީ ލައްޒަތްތައް ހޯދުމަކީ މީގެ ތެރެއިން ވާކަމެއް ގޮތުގައެވެ.
މިއާއި ޚިލާފަށް، މާލިކީން އަދި ޝާފިޢީން ދެކިލެއްވީ، މިޙަދީޘް - އެބޭފުޅުން އެގެންނަވާ މާނަ ނެގިޔަސް - އެހެން ޙަދީޘް އަކުން ކޮންމެ ދުޢާއެއް ކުރުމުގެ ހުއްދަ ވާކަމުގެ މައްޗަށް ސާފު ދަލީލުވާކަމެވެ. އަދި އާޚިރަތަށް އެކަނި ދުޢާ ހަނިވެފައި ނުވާކަމެވެ. އެއީ އަލްބުޚާރީ އާއި އެނޫން ބޭކަލުން ޢަބްދުالله ބުނު މަސްޢޫދުގެ ޙަދީޘް ތަކުން ރިވާކުރެއްވި ޙަދީޘެވެ: ޢަބްދުالله ވިދާޅުވިއެވެ: އަހަރެމެން ނަބިއްޔު ﷺ އާއި އެކުގައި ނަމާދުގައި ވީ އިރު، އަހަރެމެން ކިޔަމުއެވެ: السلام على الله من عباده السلام على فلان وفلان "އެއިލާހުގެ އަޅުތަކުންގެ ފުށުން الله ސަލާމް ހުއްޓެވެ. މިވެނި އެވެނި މީހަކަށް ސަލާމް ހުއްޓެވެ.." އިތުރުއެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:« لاَ تَقُولُوا السَّلاَمُ عَلَى اللَّهِ فَإِنَّ اللَّهَ هُوَ السَّلاَمُ ، وَلَكِنْ قولوا » "الله ގެ މައްޗަށް ސަލާމް ހުއްޓޭ ނުކިޔާށެވެ. އެހެނީ الله އީ އައްސަލާމް އެވެ. އެހެނަސް ކިޔާށެވެ:
التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ
(ޙަދީޘް ކުރެއްވިއެވެ) فَإِنَّكُمْ إِذَا قُلْتُمْ أَصَابَ كُلَّ عَبْدٍ فِي السَّمَاءِ أَوْ بَيْنَ السَّمَاءِ وَالأَرْضِ އެހެނީ ތިޔަބައިމީހުން މިހެން ކިޔައިފިނަމަ، އުޑުގައިވާ ނުވަތަ އުޑާއި ބިމާއި ދެމެދުގައިވާ، އެންމެހާ އަޅުތަކުންނަށް ފޯރާނެތެވެ.
(ދެން ކިޔާށެވެ) أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ،
(ދެން ޙަދީޘް ކުރެއްވިއެވެ) ثُمَّ يَتَخَيَّرُ مِنَ الدُّعَاءِ أَعْجَبَهُ إِلَيْهِ فَيَدْعُو "އެއަށްފަހު، ތިބާ އެންމެ ހިތްއެދޭ ދުޢާއެއް ޚިޔާރުކޮށް އެއިން ދުޢާކުރާށެވެ."
އަދިވެސް ކޮންމެ ދުޢާ އަކަށް ހުއްދަ ވެގެންވާކަން ދަލީލުކޮށްދޭ އަނެއް ކަމަކީ، ޤުރުއާނުގައި ނޫނީ ސުންނަތުގައި ވާރިދުވެފައި ނުވާ ދުޢާތައް ސަލަފުން އަމިއްލަފުޅަށް ވިދާޅުވެފައިވާކަމެވެ. އަދި އިބްނު ޢުމަރު އަރިހުން، އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: "ތިމަންކަލޭގެފާނުގެ ނަމާދުގައި، ތިމަންކަލޭގެފާނުގެ ހިމާރުގެ ކެއުމާއި ގޭގެ ލޮނަށް ދާންދެންވެސް ދުޢާ ކުރައްވަމެވެ." އަދި ޢުރުވަތު ބުނުއް ޒުބައިރު އަރިހުންވެސް މިފަދައިން ރިވާވެފައިވެއެވެ.
އަދި އަޙްމަދު ބުނު ޙަންބަލް އަރިހުން އެކަލޭގެފާނު ސަޖިދައިގައި ވިދާޅުވާކަމަށް އައިސްފައިވެއެވެ: اللَّهُمَّ كَمَا صُنْتَ وَجْهِي عَنِ السُّجُودِ لِغَيْرِكَ فَصُنْ وَجْهِي عَنِ الْمَسْأَلَةِ لِغَيْرِكَ "އިބަ އިލާހު އަހަރެންގެ ވަޖުހު އިބަ އިލާހުނޫން ފަރާތަކަށް ސަޖިދަކުރުމުން ރައްކައުތެރި ކުރެއްވިފަދައިން، މި އަޅާގެ ވަޖުހު އިބަ އިލާހު ފިޔަވައި އެހެން ފަރާތެއް ފުށުން ކަމަކަށް އެދި ދެންނެވުމުންވެސް ރައްކައުތެރި ކުރައްވާށިއެވެ."
އަދި އަބޫ ދާޥޫދު އާއި އެނޫން ބޭކަލުން، ނަބިއްޔާ ﷺ ގެ ބަޔެއް އަޞްޙާބުން އަރިހުން ރިވާކުރެއްވިއެވެ: ނަބިއްޔާ ﷺ މީހަކަށް ދެންނެވިއެވެ: "ނަމާދުގައި ތިބާ (ދުޢާ) ކިޔަނީ ކިހިނަކުން ހެއްޔެވެ؟" ދެންނެވިއެވެ: "އައްތައްހިއްޔާތު ކިޔައި، ދެން اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ (ޔާ الله އަހަރެން އިބަ އިލާހު ހަޟްރަތުން ޖަންނަތް އެދެމެވެ. އަދި ނަރަކައިގެ ފުށުން ރައްކައުތެރިކޮށްދެއްވުމަށް ވެސް އެވެ.) އެހެނަސް އަހަރެންނަށް ކަލޭގެފާނުގެ ވައިއަޑު ތަކެއްވެސް އަދި މުޢާޛުގެ ވައިއަޑުތަކުންވެސް (ކިޔާ ދުޢާތަކަކީ) ކޮބައިކަމެއް ސާފެއްނުވެއެވެ." އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: (حولها ندندن) "އަހަރެމެންގެ ވައިއަޑުތައްވެސް ވަނީ ހަމަ ތިކަންކަމުގެ ވަށައިގެނެވެ."
އެހެންކަމުން އަޞްޙާބުން ތެރެއިން މިބޭފުޅާ، ވާރިދުވެފައިވާ އެއްޗެއް ނޭގި އަމިއްލަ ނަފުސަށް ދުޢާ ކުރެއްވިއެވެ. އަދި ނަބިއްޔާ ﷺ އެކަމަށް ހުއްދަދެއްވިއެވެ.
އަދި އިބްނު ސީރީން އަރިހުން އިބްނި ބައްޠާލް ރިވާކުރެއްވި ބަސްފުޅުގެ ޗާލުކަމެވެ. އެކަލޭގެފާނު (އިބްނު ސީރީން) ވިދާޅުވިއެވެ: އާޚިރަތުގެ ކަންކަމުގައި ދުޢާ ކުރުމް ފަރުޟު ނަމާދުތަކުގައި ޖާއިޒެވެ. ދެންފަހެ ދުނިޔޭގެ ކަންކަމަށް، ޖާއިޒެއް ނޫނެވެ. އިބްނު ޢަޥްން އެހިނދު ވިދާޅުވިއެވެ: ފަހެ ޤުރުއާނުގައި މިހެން ނުވޭ ހެއްޔެވެ: {واسألوا الله من فضله} [النساء: 32] "އަދި الله ޙަޟުރަތުން އެއިލާހުގެ ފަޟުލުވަންތަކަމަށް އެދި ދަންނަވާށެވެ"؟،
"އެހެންވިދާޅުވުމުން ތިމަން ހަނުހުރެއްޖައީމެވެ."
އަދި ދުނިޔެއާއި އާޚިރަތުގެ ޙާއްޖަތްތަކަށް އެދުން ސާފުކޮށް ދަލީލުކޮށްދޭ އެކައްޗަކީ އަލްއިސްތިޚާރާ ގެ ޙަދީޘެވެ. އޭގައިވެއެވެ: الله ގެ ރަސޫލާ ﷺ އަހަރެމެންނަށް އަލްއިސްތިޚާރާ އެންމެހާ ކަމެއްގައި ދަސްކޮށްދެއްވިއެވެ. އެއީ ޤުރުއާނުގެ ސޫރަތެއް ދަސްކޮށްދެއްވާ ފަދައިންނެވެ. އިތުރުއެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
"ތިޔައިން މީހަކު ކަމެއް ކުރުމަށް ޤަޞްދުކޮށްފިނަމަ ފަރުޟުނަމާދު ނޫން ދެރަކްޢަތް ނަމާދެއް ކުރާށެވެ. އެއަށްފަހު މިފަދައިން ދުޢާ ދަންނަވާށެވެ.
اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَّمُ الْغُيُوبِ اَللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ *هَذَا اْلأَمْرَ* خَيْرٌ لِي فِي دِينِي وَمَعَاشِي وَمَعَادِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ وَإِنْ كُنْتَ تَعْلَمُ أَنَّ *هَذَا اْلأَمْرَ* شَرٌّ لِي فِي دِينِي وَمَعَاشِي وَمَعَادِي وَعَاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ رَضِّنِي بِهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ. [2]
ވިދާޅުވިއެވެ: "އަދި ޤަޞްދުކުޅަ ކަމެއްގެ ނަން ގަންނާށެވެ."
ވީމާ މީގައި ދުނިޔެ އާއި އާޚިރަތުގެ ޙާއްޖަތްތަކަށް ދުޢާ ވެއެވެ. އަދި ވަކިކަން ކަމަކަށް ޚާއްސަނުވެއެވެ.
މީގެ މައްޗަށް ބަލައި، ރާޖިޙުއީ، ދުނިޔެ އާއި އާޚިރަތުގެ ހެވަށް އެދި ދުޢާ ކުރުން ހުއްދަކަމެވެ. ނަމާދުވެރިޔާ އެދޭ ކޮންމެ ލަފުޒަކުންނެވެ. އެއީ އެހެނަސް އައުލާކަން ބޮޑީ ވާރިދުވެފައިވާ ދުޢާއެއް ބޭނުން ކުރުން ކަމުގައި ވިޔަސް އެވެ. އަދި މިކަމުގައި ވަކި ޝަޚްޞެއް ގެ ނަން ކިޔައި އޭނާގެ ނަން (ދުޢާގެ ތެރޭ) ބޭނުން ކުރުމުގައިވެސް މައްސަލައެއް ނުވެއެވެ.
އަދިކިއެއްހެއްޔެވެ؟ ނަބިއްޔާ ﷺ އެބޭކަލުންގެ ނަމުން ނަންގަންނަވައި ދުޢާ ކުރެއްވި ނަމާދެއްގައި ބައިގަނޑެއްގެ ނަން ޛިކުރުކުރެއްވިއެވެ. އަދި އެނޫންބައިގަނޑަކާއި ދެކޮޅަށްވެސް ދުޢާކުރެއްވިއެެވެ. އޭގެ ތެރޭގައި އަބޫ ހުރައިރާގެ ޙަދީޘުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވު ޙާދީޘް ވެއެވެ: ވިދާޅުވިއެވެ: އަދި އިސްތަށިފުޅު އުފުއްލަވައި اللهގެ ރަސޫލާ ﷺ ކިޔަވާ ވިދާޅުވިއެވެ: سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ (އެއަށްފަހު) ބޭކަލުންތަކެއްގެ ނަން ގަންނަވައި ދުޢާދެންނެވިއެވެ:
اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ وَسَلَمَةَ بْنَ هِشَامٍ وَعَيَّاشَ بْنَ أَبِي رَبِيعَةَ، وَالْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ، وَاجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ "
"ޔާ الله އަލްވަލީދް ބުނުލް ވަލީދް އާއި ސަލަމާ ބުނު ހިޝާމް އަދި ޢައްޔާޝް ބުނު އަބޫ ރަބީޢާ ސަލާމަތްކުރައްވާށި. އަދި މުސްލިމުންގެ ތެރެއިން ނިކަމެތިންވެސް. ޔާ الله، އިބަ އިލާހުގެ ހިއްޕެވުން މުޟަރު ވަންހައިގެ މައްޗަށް ހަރުކަށި ކުރައްވާށި. އަދި އެއުރެންގެ މައްޗަށް ޔޫސުފުގެ އަހަރުތައް ފަދަ އަހަރުތަކެއް ލައްވާށި"
އަދި އިރުމަތީގައިވާ މުޟަރު ވަންހައިގެ މީހުން، އެދުވަސްވަރު ތިބީ އެކަލޭގެފާނާއި ޚިލާފާށެވެ.
والله أعلم [3]
اللَّهُمَّ أَنْجِ سَيْف بن إِبرَاهِيم ، اللَّهُمَّ أَنْجِ شَافِع بْن مُحَمَّد ، اللَّهُمَّ أَنْجِ جِنَاح بن عَبْدُ الله ، اللَّهُمَّ أَنْجِ المُسْتَضْعَفِينَ مِنَ المُؤْمِنِينَ
____________
[1] އެހެނަސް އޭގެ އަޞްލުގައި ޙަރާމް ދުޢާ އެއް މެނުވީއެވެ. އެއީ މުސާލަކަށް ފާފައަކަށް ދުޢާ ކުރުން، ނޫނީ ރަހިމުގެ ގުޅުން ކެނޑުމަށް، ނޫނީ ދުޢާ އަށް ގޮން ޖެހުމެވެ. އެއީ މިސާލަކަށް ނުލިޔުވާނޭ ފަދަ ކަމަކަށް ދުޢާ ކުރުމެވެ.
[2]މާނައީ: އޭﷲ! އަޅު ތިޔައިލާހުގެ ޙަޟުރަތުން މަޝްވަރާއަކަށް އެދެމެވެ. އަދި ތިޔައިލާހުގެ ޙަޟުރަތުން އަޅުވާގިވެރިކަމަށް އެދިދަންނަވަމެވެ. އަދި ތިޔައިލާހުގެ މަތިވެރި ފަޟުލުވަންތަ ވެރިކަމަށް އެދި ދަންނަވަމެވެ. ތިޔައިލާހުއީ މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންތަ އިލާހުއެވެ. ފަހެ ކުޅަދުންވަންތަވެރި ފަރާތަކީ ތިޔައިލާހެވެ. އަދި ރަނގަޅަށް ދެނެވޮޑިގަންނަވަނީ ވެސް ހަމަތިޔައިލާހެވެ. ތިޔައީ ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަޅަކީ އެއްވެސް ކަމެއްގެ ކުޅަދާނަކަން ލިބިގެންވާ މީހަކީމެއް ނޫނީމެވެ. އަދި ކަންކަމުގެ ޙަޤީޤަތް ދެނެގަނެވޭ މީހެއްވެސް ނޫނީމެވެ. އޭﷲ! *އަޅުގެ މިކަމުގައި* އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާމެދު ހެއުކަމުގައްޔާއި ރަނގަޅުކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގައި މަގުފަހިކޮށް ދެއްވައި ލުއިކޮށްދެއްވާނދޭވެ. އަދި އޭގައި ބަރަކާތް ލައްވާނދޭވެ. އޭﷲ! *އަޅުގެ މިކަމުގައި* އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާ މެދު، ނުބައި ކަމުގައްޔާއި ރަނގަޅުނޫން ކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގެ މަގުފަހިކޮށްނުދެއްވައި މިކަމާ އަޅާ ދުރުކުރައްވާނދޭވެ. އަދި އެކަމުގައި ބަރަކާތް ލައްވާނދޭވެ. އަދި ކޮންމެ ތާނކުގައި ވީނަމަވެސް އަޅަށް ހެއުގޮތް ލައްވާނދޭވެ. އަދި އެކަމަކަށް ތިޔައިލާހު ރުހިވޮޑިގަންނަވާނދޭވެ. ﷲގެ ޙަޟުރަތުން މެނުވީ އެއްވެސް އާރަކާއި ބާރެއް ލިބުމެއް ނުވެއެވެ.
* ޢިލްމިވެރިންގެ ޚިލާފެއްވޭ އެބޭނުންވާ ޙާއްޖަތް ނަންގަންނަން ޖެހެނީ ކޮންތާކުތޯ. ބައެއްބޭފުޅުން ހަމައެކަނި ފުރަތަމަ *هَذَا اْلأَمْرَ* މިތަންކޮޅުގައި އެކަނިކަމަށް. އެބަހީ: *هَذَا اْلأَمْرَ* މިހެން ނުކިޔައި، އެ އެދޭ ޙާޖަތް ދުލުން ކިޔުމެވެ. އަނެއްބައި ޢިލްމިވެރިން ފުރަތަމަފަހަރާއި އަދި ދެވަނަ ފަހަރަށް *هَذَا اْلأَمْرَ* އަންނައިރުވެސް އެކަން ނަންގަތުމަށްވިދާޅުވެއެވެ. އަދި ޤަސްދުކުރާ ކަމެއް ނަން ގަތުން، ދުލުން ދުޢާގެ ތެރޭ ބުނުން ލާޒިމެވެ. ޢަރަބި ނޭގޭ މީހެއް އޭނާ އަށް އެނގޭ ބަހުރުވައަކުންނެވެ. الله أعلم.
[3] މަޞްދަރު
https://fatwa.islamonline.net/16698